Last Updated: July 8, 09:24
Tuesday, July 8, 2025
ޚަބަރު

ސައުދީ އާ ސަފީރު ފަތްކޮޅު އަރުވައިފި

ސަޢޫދީ ޢަރަބިއްޔާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފި އެވެ.

އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހު ގައެވެ.

އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވައިފަ އެވެ.

ސަޢޫދީގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފަ އެވެ.

އެއަށް ފަހު ދެ ބޭފުޅުން ބައްދަލު ކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމާއި އެއްބާރުލެއްވުމަށް، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން ރާއްޖެ މި އަހަރުގެ ހައްޖު މޫސުމާ ދިމާކޮށް 'މައްކާ ރޫޓް އިނީޝިއޭޓިވް' ގައި ހިމެނުމާ ގުޅިގެން ވެސް ޝުކުރެއް އަދާކުރެއްވިއެވެ.

ރާއްޖެ އާއި ސަޢޫދީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ މާޗް 17، 1981 ގަ އެވެ.