މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އަށް މިދިޔަ އަހަރު 217 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.
އެމްޑަބްލިޔުއެސްސީއަށް މިދިޔަ އަހަރު ޖުމުލަ 1.6 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރެއިން 62 މިލިއަން ރުފިޔާ ހަރަދުކުރީ ކުންފުނީގެ ދަރަނިތައް ދެއްކުމަށް ކަމަށާއި 2023 ވަނަ އަހަރު އެއަށްވުރެ ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދައްކައިފައިވާކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުންޏެވެ.
މިދިޔަ އަހަރު އެމްޑަބްލިޔުއެސްސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ، އެ ކުންފުނީގެ މައިގަނޑު ހިދުމަތް ކަމުގައިވާ ޔުޓިލިޓީ ހިދުމަތުންނެވެ. އެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. ދެން އެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބުނީ އިމާރާތްކުރުމުގެ ޕްރޮޖްކެޓުތަކާއި (347 މިލިއަން ރުފިޔާ) ފެނާއި އައިސް ވިއްކައިގެން (236 މިލިއަން ރުފިޔާ) އެވެ.
މިދިޔަ އަހަރު ލިބުނު ފައިދާއިން އެ ކުންފުނިން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި 68 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފަ އެވެ.
އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުރަށް ތިން ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ކުންފުނިން ފޯރުކޮށްދޭއިރު، އެއް ރަށަކަށް ކަރަންޓުގެ ހިދުމަތްވެސް ފޯރުކޮށްދެ އެވެ.