ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ 55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށާއި އެއްބަސްވުން ބާތިލުކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން ކަމަށެވެ. މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވަނީ 55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މި މަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި، ކައުންސިލްތަކުގެ ހާލަތަށް ބެލުމަށް ފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާ ކަމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މީގެތެރެއިން ފުރަތަމަ 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ އަހަރާ 6 މަސް ތެރޭގައި ނިންމުމަށެވެ.
އެ މިނިސްޓްރީން ބުނާ ގޮތުގައި މި އިމާރާތްތައް ވެގެންދާނީ ޖާގަ ތަނަވަސް އަދި ކައުންސިލަރުންނާ އިދާރީ މަސައްކަތްތަކަށް ވެސް ފަހިވާނެ ގޮތަށް ހުރިހާ ވަސީލަތެއް ބޭނުން ކުރެވޭ ގޮތަށް ހުންނާނެ އިމާރާތްތަކަކަށެވެ.