Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

މިނިވަން 60 ލޯގޯ ސަރުކާރު ލިޔުންތަކުގައި ޖަހަން އަންގައިފި

މިނިވަން 60 ލޯގޯ ސަރުކާރުގެ ލިޔުންތަކުގައި ޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބޭނުންކުރައްވާނެ ލޯގޯއެއް ކަނޑައަޅުއްވައި، އެ ލޯގޯ މި އަހަރުގެ ޖުލައި 26 ން ފެށިގެން އަންނަ އަހަރުގެ ޖުލައި 25ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުން ސަރުކާރު އޮފީސްތަކަށް ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިނިވަން 60 ގެ ލޯގޯ ކުރެއްސެވީ ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހިމް އެވެ.

މިނިވަން 60 ގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުން ކުރިއަށްގެންދިޔައިރު، އެންމެ ރަނގަޅު ލޯގޯއެއް ހޮވާފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އަދި އެއް ވަނަ އަށް ހޮވުނު ލޯގޯއަކަށް 30,000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.