Last Updated: July 7, 06:23
Monday, July 7, 2025
ޚަބަރު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ބިލު މަޖިލީހަށް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ.

ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ކަންކަން

ރައްޔިތުންނާގުޅޭ މުހިންމު ކަންކަމުގައި
ގައުމީ މުހިންމު މައްސަލަތަކުގައި
ގާނޫނުއަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް
ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ރައްޔިތުންގެ މަޖިލީހުގެ އުމުރު
ގާނޫނުއަސާސީގެ 107 ވަނަ މާއްދާ ރިޔާސީ ދައުރު
ގާނޫނުއަސާސީގެ 108 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް
ގާނޫނުއަސާސީގެ 260 ވަނަ މާއްދާގެ (ށ) ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުން
ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ދިވެހިރާއްޖޭގެ ސަރަހައްދު ކަމަށް ބަޔާންކުރާ މާއްދާ

މީގެ އިތުރުން ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް އާންމު ވޯޓު ނެގޭނެ ކަމަށްވެސް ބިލުގައިވެ އެވެ.

ބިލުގައިވާ ގޮތުން އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީއިން ވޯޓު ބާއްވަން ޖެހެ އެވެ. އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ އެވެ.