Last Updated: July 7, 06:23
Monday, July 7, 2025
ޚަބަރު

މޯލްޑިވްސް 2.0 އާއެކު ސިއްހީ ދާއިރާއަށް އިންގިލާބެއް އަންނާނެ

ރާއްޖެ 2.0 މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ޞިއްޙީ ދާއިރާއަށް ގެންނަވަން ގަސްދުކުރައްވާ ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ ރާއްޖެ 2.0 މަޝްރޫއުއާއެކު ރާއްޖެ ޒަމާނީ ޓެކްނޮލޮޖީއާ ލާމެހިގެންދާނީ ވަރަށް އާދަޔާ ހިލާފު ގޮތެއްގައި ކަމަށާއި މި މަޝްރޫއުގައި އެންމެ ފުރަތަމަ ތަރައްގީ ކުރެވޭ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ މިހާރު އިއުލާން ކުރެވިފައިވާ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް އުއްމީދީ ފުރުސަތެއް. ރައީސް މުއިއްޒު ދިވެހި ސިއްހީ ދާއިރާ އަށް ގެންނަވަން ގަސްދުކުރައްވާ ވަރަށް ބޮޑު އިންގިލާބީ ބަދަލެއް. މިއީ ދިވެހި ކޮންމެ ރައްޔިތަކަށް އެބޭފުޅެއްގެ ސިއްހަތާއި މެދު އިތުރުވެގެންދާނެ ވަރަށް ބޮޑު އިތުބާރެއް، ލިބޭނެ ވަރަށް ބޮޑު ޔަގީންކަމެއް،" ސާޖިދާ ވިދާޅުވި އެވެ.

ކުޅުދުއްފުށި ހިމެނޭ ސަރަޙައްދުގައި ޞިއްޙީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި ޤައުމެއް ތަރައްޤީ ކުރުމުގައި އެ ޤައުމެއްގެ ޞިއްޙަތު ކިތަންމެހައި ވެސް މުހިއްމު ކަމަށް ސާޖިދާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫޙާނީ ޞިއްޙަތުވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތަކެއްވެސް ވަނީ އިފްތިތާޙުކޮށްފަ އެވެ. އޭގެތެރޭގައި ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް ހިމެނެ އެވެ.