ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙްކޮށްފި އެވެ.
އެ ހޮސްޕިޓަލްގައި މިޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ، ސަރުކާރުގެ 2.0 މަޝްރޫޢުގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި ޞިއްޙީ ދާއިރާ ހިމަނާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މިދާއިރާގެ ތަރައްޤީއަށް އުއްމީދީ އަދި އިންޤިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގައި މިއަދު ފެށި ޚިދުމަތްތަކާއިއެކު ސިއްޙީ ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގައި އައު ހިދުމަތްތަކެއް ފެށުމުގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކެއްވެސް އެ ހޮސްޕިޓަލްގައި ވަނީ ހުޅުވާފަ އެވެ.
މީގެއިތުުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް މިރަސްމިއްޔާތުގައި ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.