Last Updated: July 8, 20:48
Tuesday, July 8, 2025
ކުޅިވަރު

އާސެނަލުން ގްޔޯކެރެސް ގެންނަން މަސައްކަތް ކުރަނީ

އާސެނަލް އިން ސްޕޯޓިން ލިޒްބަންގެ ފޯވާޑް ވިކްޓާ ގްޔޯކެރެސް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގްޔޯކެރެސް ،27، މިހާރު ވަނީ އާސެނަލަށް ބަދަލުވާން އެ ކްލަބާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި ގްޔޯކެރެސްގެ ޓްރާންސްފާ ފީ އާއި ގުޅޭގޮތުން އާސެނަލް އާއި ސްޕޯޓިންއާ ދެމެދު ވާހަކަތައް ފަށައިގެން ކުރިއަށްދާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ގްޔޯކެރެސް ގެނައުމުގެ މަސައްކަތް އާސެނަލުން ފެށިއިރު، ފޯވާޑެއް ގެނައުމަކީ މި ޓްރާންސްފާ މާކެޓުގައި އެ ކްލަބުން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ސްވިޑެން އަށް އުފަން ގްޔޯކެރެސް ވަނީ ފާއިތުވި ދެ ސީޒަނުގައި ސްޕޯޓިން އަށް ކުޅެދިން 102 މެޗުގައި 97 ގޯލު ކާމިޔާބުކޮށްފަ އެވެ. ސްޕޯޓިން އަށް ޖެހިޖެހިގެން ދެ ފަހަރު ޕޯޗުގަލް ލީގު ކާމިޔާބުކޮށްދިނުމުގައި އޭނާގެ ހިއްސާ ބޮޑެވެ.

މި ޓްރާންސްފާ މާކެޓުގައި އާސެނަލުން މިހާރުވެސް ވަނީ ދެ ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އާއި ޗެލްސީ އަށް ކުޅެމުން އައި ސްޕެއިންގެ ގޯލްކީޕަރު ކެޕާ އެވެ.