Last Updated: July 7, 12:00
Monday, July 7, 2025
ޚަބަރު

އަމާޒަކީ އައިލެންޑް އޭވިއޭޝަން ފައިދާވާ ކުންފުންޏަކަށް ހެދުން

މި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (މޯލްޑިވިއަން) ގެ ފުރަތަމަ އިންޖިނިއަރިން ސާވިސް ބިލްޑިން، "އަލީ ފިރާޤް އިންޖިނިއަރިން ސާވިސް ބިލްޑިން" ގެ ނަމުގައި ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި އިމާރާތް ހުޅުވާފައިވަނީ، އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާޤްގެ ހަނދާނުގައި، އެމަނިކުފާނުގެ ނަމާއި ގުޅުވައިގެންނެވެ.

އަމީން ވިދާޅުވީ މިއީ މޯލްޑިވިއަންގެ ހަޔާތުގައި ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި މި ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް އެއް އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުން ކަމަށެވެ.

އަދި މިފަދަ މެއިންޓަނަންސް ފެސިލިޓީއެއް ހުޅުވިގެން ދިއުމަކީ މޯލްޑިވިއަންގެ މެއިންޓަނަންސާއި އަދި ކުރަމުންދާ ޚަރަދުތަކަށް ލުއިތަކެއް ލިބި، ސަލާމަތާއި ރައްކާތެރިކަންވެސް އިތުރުވެގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ރާއްޖެއަށް އަންނަ ގިނަ އެއާލައިންތަކެއްގެ މެއިންޓަނަންސްގެ ޚިދުމަތް މޯލްޑިވިއަނުން ދެމުންދާއިރު، މި އައު ސާވިސް ފެސިލިޓީއާއެކު މިކަމަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ވިދާޅުވި އެވެ.

މި އިމާރާތާއި ފެސިލިޓީ ތައްޔާރުކުރުމަށް 10 ވަރަކަށް އަހަރު ނެގިކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، މިތަން ހުޅުވިގެން މިދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މިކަންކަމަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުން ކަމަށެވެ. މި ސަރުކާރުން މިހާރު ކުރަމުންދަނީ މޯލްޑިވިއަންއަކީ ޤައުމީ އެއާލައިނަށް ވުމާއިއެކު، ޤައުމީ އެއާލައިންގެ މަގާމަށް އެއާލައިން ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ.