އެއާޕޯޓުތަކަކީ އަގުބޮޑު މުދާ ކަމަށާއި އެ ތަންތަން ވިއްކުން ބަލައިނުގަނެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހދ. ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމަށް އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި ވެލާނާ އެއާޕޯޓުގެ ސީއައިޕީ/ވީއައިޕީ ޓާމިނަލް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ 'ޖެޓެކްސް' އާއި ހަވާލުކުރަން އުޅޭ ކަމަށް ބުނާ ވާހަކަތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
ނަމަވެސް މި ހުރިހާ ވާހަކަތަކެއް ވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދޮގުކޮށްފަ އެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން އިމްރާން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓަކީ ދިވެހީންގެ އަގުބޮޑު މުދާ ކަމަށާއި މި ތަންތަން ތަރައްގީކުރި ކުރީގެ ލީޑަރުން އެ ތަންތަން ތަރައްގީ ކުރެއްވީ ބޭރު މީހުންނަށް ވިއްކާ ނުލައި ކަމަށެވެ. އަދި އެގޮތަށް އަމަލުކުރެއްވީ ދުރު ވިސްނޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާފަހުން އަންނަ ބަޔަކު، އެފަދަ އަގުހުރި އެސެޓްތައް އުފައްދަން ނޭނގޭ ތަނުގަައި، ކުރީގެ ލީޑަރުން ދިވެހިންނަށްޓަކައި ކޮށްދީފައި ހުރި މަސައްކަތް ވިއްކާލަން ވިސްނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވަނީ ދިވެހިންގެ ހަރުމުދާ ވިއްކާނުލައި، ދިވެހި ދައުލަތް ހިންގަން ނުދަންނަ މީހަކުނަމަ، ދިވެހި ސިންގާ ސަނާގައި ހުރުމަށް އެމީހަކު ކުފޫ ހަމަނުވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުން ލިބިވަޑައިގަންނަވަންޖެހޭ އެންމެ މުހިއްމު ފިޅާވަޅަކީ ޒާތީ މަސްލަހަތަށް ޓަކައި ގަައުމުގެ ތަރިކަ ވިއްކައިގެން ވެރިކަން ކުރަން އުޅުމަކީ ދިވެހީން ބަލައިނުގަންނަ، ފެއިލްވެފައިވާ އޮތް ސިޔާސަތެއްކަން ކަމަށްވެސް ވިދާޅުވި އެވެ.