Last Updated: July 10, 06:03
Thursday, July 10, 2025
މުނިފޫހިފިލުވުން

'ޑޮން 3' އިން ކިއާރާ ވަކިނުވޭ، ޝޫޓިން ޖެނުއަރީގައި

އަލަތު ދަރިފުޅަށް ބަލިވެއިނަސް ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ ފިލްމު "ޑޮން 3" އިން ވަކި ނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ބަލިވެއިންކަން މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އިއުލާން ކުރުމާ އެކު، ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ފިލްމު އޭނަ ދޫކޮށްލާފައިވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ވަރަށް ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެހެންވެ ރަންވީރު ސިންގް ޓައިޓްލް ރޯލު ކުޅެން ހަމަޖެހިފައިވާ "ޑޮން 3" އަށް އެހެން ބަތަލާއަކު ހޯދުމުގެ މަސައްކަތް ވެސް އެ ފިލްމު އުފައްދާ އެކްސަލް އެންޓަޓައިންމަންޓުން ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ފިލްމަށް ކްރިތީ ސެނަން ނުވަތަ ޝަރުވާރީ ވާގް ނަގަން އުޅޭކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.

ނަމަވެސް "ޑޮން 3" ގެ ޓީމާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ކާސްޓްގައި ކިއާރާ ހިމެނޭ ގޮތަށް ފިލްމުގެ ޝޫޓިން ފަށަން މިހާރު ޕްލޭންކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. މީގެ ޝޫޓިން އަންނަ ސެޕްޓެމްބަރުގައި ވެސް ފަށަން ޕްލޭންކޮށްފައި ވަނިކޮށް އަނެއްކާ ވެސް ފިލްމު ފަސްކުރީ ރަންވީރު އެހެން ޕްރޮޖެކްޓަކަށް ތައްޔާރުވާތީ ކަމަށް ހަންގާމާ އިން ބުންޏެވެ.

އެހެންވެ މިހާރު ފަރުހާން ނިންމާފައި އޮތީ "ޑޮން 3" ގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފަށައި އެ އަހަރުގެ ޑިސެމްބަރުގައި ބެލުންތެރިންނަށް ގެނެސްދޭން ކަމަށް އެ ނޫހުން ބުންޏެވެ.

ހަންގާމާ އިން ބުނި ގޮތުގައި ޝާހްރުކް ޚާން ކުޅުނު "ޑޮން" ގެ ދެ ފިލްމުގައި ބަތަލާގެ ރޯލު ކުޅުނު ޕްރިޔަންކާ ޗޯޕްޅާ ވެސް ތިން ވަނަ ބައިގެ ރޯލަކުން ފެނުމުގެ ފުރުސަތު ބޮޑެވެ. ރިޕޯޓްތައް ބުނާ ގޮތުން "ޑޮން 3" ގެ ވިލަންގެ ރޯލު ކުޅޭނީ ވިކްރާންތު މަސީ އެވެ.

ޝޫޓިން ނުފެށީ ދިގުލައިގެން ގޮސްފައިވާ މި ފިލްމު އިއުލާންކުރީ 2023 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ފަރުހާން 2006 ގައި "ޑޮން" ގެނެސްދިނުމަށް ފަހު، "ޑޮން 2" ރިލީޒްކުރީ 2011 ގަ އެވެ. ޝާހްރުކް ޓައިޓްލް ރޯލު ކުޅުނު ފަރުހާންގެ 'ޑޮން" އަކީ އޭނަގެ ބައްޕަ ޖާވިދު އަޚްތަރާއި ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ސްކްރީންޕްލޭއަކަށް އަމީތާބް ބައްޗަނާ އެކު ޑައިރެކްޓަރު ޗަންރުރަ ބެރޮޓް 1978 ގައި ގެނެސްދިން "ޑޮން" ގެ ރިމޭކެކެވެ.

ކިއާރާގެ ކުރިއަށް އޮތް ފިލްމަކީ ބަލިވެއިނުމުގެ ކުރިން ކުޅެ ނިންމާފައި އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އަންނަ އޮގަސްޓް މަހުގެ 14 ގައު ގެނެސްދޭ ރިތިކް ރޯޝަންގެ "ވޯ 2" އެވެ.