Last Updated: July 10, 09:56
Thursday, July 10, 2025
ޚަބަރު

ސްޕޯޓްސް ފިޝިން ވޯކްޝޮޕް ފަށައިފި

ރާއްޖޭގައި ސްޕޯޓްސް ފިޝިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެންވާ "މަސްވެރިންގެ ގުންޒަރު" ވޯކްޝޮޕް މިއަދު ފަށައިފި އެވެ.

މީރުމާގައި ކުރިއަށް ގެންދާ ވޯކްޝޮޕް ފައްޓަވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ސްޕޯޓްސް ފިޝިން ދާއިރާގައ ހަރަކާތްތެރިވާ މީހުން ބައިވެރިވެގެން ކުރިއަށް ގެންދާ އެެއް ދުވަހުގެ މި ވޯކްޝޮޕްގެ މަގުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

ވޯކްޝޮޕް ކުރިއަށް ގެންދާނީ ދެ ސެޝަނަކަށް ބަހަލައިގެންނެވެ. ފުރަތަމަ ސެޝަންގައި ކުރިއަށް ދާނީ މީގެ މަގުސަދާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމާ ބެހޭ ގޮތުން މިހާރު ގެންގުޅޭ ވިސްނުމާއި، ޑޭޓާ ޑްރައިވަން މެނޭޖްމަންޓްގެ ބޭނުންތެރިކަމުގެ އޯވަވިއުއެއް ފޯރުކޮށް ދިނުމެވެ. ދެވަނަ ސެޝަންގައި ކުރިއަށް ދާނީ ސްޓޭކް ހޯލްޑަރުންގެ ކަންބޮޑުވުންތަކާއި މުނިފޫހިފިލުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

ސްޕޯޓްސް ފިޝިން ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ވަނީ އެކަމަށް ފަސް ސަރަހައްދެއް ތަރައްގީ ކުރަން ވެސް ނިންމައިފަ އެވެ.