Last Updated: July 10, 10:10
Thursday, July 10, 2025
ޚަބަރު

ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް 'ޓޫ އޮފް އަސް'

ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރަކަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ހަމަޖައްސައިފި އެވެ.

މި ބޭންޑަކީ ދާދި ފަހުން އިންޑިއާގައި ނިންމައިލި 'ބެޓްލް އޮފް ބޭންޑް އިންޓަނޭޝަނަލް ގެ ތިން ވަނަ ހޯދުމަށް ފަހު، މިހާރު އިނގިރޭސިވިލާތުގެ ބްރިޓަންސް ގޮޓް ޓެލެންޓް (ބީޖީޓީ) ގައި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ބާރަށް ކުރިއަރަމުން އަންނަ ބޭންޑެކެވެ.

'ޓޫ އޮފް އަސް' ގައި ހިމެނެނީ ފަސް މެންބަރުންނެވެ. އެއީ އަހުމަދު އަދުހަމް، އަބްދުﷲ ޝަމްރޫހް، މުހައްމަދު ނަސޫހު ބިން ނަސްރުއްދީން، އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަހުމަދު ޖަޝީމެވެ.

ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް 'ޓޫ އޮފް އަސް' ހަމަޖެއްސިކަން އިއުލާންކޮށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ ބޭންޑަށް މަރުހަބާ ވެސް ކިޔައިފަ އެވެ.

އެމްއެމްޕީއާރްސީން މިހާރު އޮތީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑާޝިޕް ޕްރޮގްރާމަށް ވެސް ކުރިމަތިލާން ދިވެހިންނަށް ހުޅުވާލައިފި އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ ފަރާތްތަކުގެ އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށް ދިނުމަށް އަމާޒުކޮށްގެން ތަޢާރަފުކުރި ޕްރޮގްރާމެކެވެ.