Last Updated: July 10, 06:03
Thursday, July 10, 2025
ދުނިޔެ

އީލޮން ޕާޓީއެއް އުފައްދާތީ ޓްރަމްޕް ފާޑު ކިޔައިފި

އެމެރިކާގެ މަހުޖަނު އީލޮން މަސްކް ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާފައިވާތީ އެކަމަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ މަހު ވެރިކަމުގެ ދެވަނަ ދައުރަކާ ޓްރަމްޕް ހަވާލުވެވަޑައިގަތުމާ އެކު، ވައިޓްހައުސްގެ އިސް މަގާމެއް ވެސް އަދާކުރެއްވި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އޭނަގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުފައްދަން އުޅެނީ އުފައްދާ "އެމެރިކާ ޕާޓީ" ކަމަށެވެ. އަދި އެ ޕާޓީ އަކީ މިހާރު ވެރިކަމުގައި އޮތް ރިޕަބްލިކަން ޕާޓީ އާއި އެންމެ ފަހުން ވެރިކަން ކުރި ޑިމޮކްރެޓިކް ޕާޓީއާ ވާދަކުރާނެ ޕާޓީއެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޓްރަމްޕް އިއްޔެ ނޫސްވެރިންނަށް ވިދާޅުވީ އެމެރިކާ އަށް ތިން ވަނަ ޕާޓީއެެއް ބޭނުން ނުވާ ކަމަށާއި އީލޮން ޕާޓީ އުފައްދަން އުޅުމަކީ ބޭނުމެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

"އަބަދު ވެސް އެމެރިކާ އަކީ ދެ ޕާޓީ ސިސްޓަމް އޮންނަ ގައުމެއް،" ޓްރަމްޕް ވިދާޅުވި އެވެ. "އަހަރެން ދެކޭ ގޮތުގައި ތިން ޕާޓީއެއް އުފެއްދުން ވާނީ އޮޅުންބޮމަކަށް."

ޓްރަމްޕް ވެރިކަމަށް ގެންނަވަން ބޮޑެތި ހޭދަތަކެއް ކުރައްވައި ކެމްޕޭންތަކުގައި ވެސް މުހިއްމު ރޯލެއް ކުޅުއްވި އީލޮން މިދިޔަ މަހުގެ ތެރޭގައި ސަރުކާރާ ވަކިވެވަޑައިގަތް ފަހުން ގެންދަވަނީ ޓްރަމްޕްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.