Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ހޯދި، އަގު 3.3 މިލިއަނަށް

ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ ފްރަންޓްލައިން ޕޮލިސިންގް ޑިޕާޓްމަންޓްގެ ތަފާސް ހިސާބުން ދައްކާގޮތުން އަނބުރާ ހޯދި 69 ސައިކަލުގެ ޖުމްލަ އަގު 3.3 މިލިއަން ރުފިޔާއަށް އަރަ އެވެ.

އަދި 26 މައްސަލައެއްގައި ހިމެނޭ ޖުމްލަ 406،098 ރުފިޔާ އާއި 29 މޯބައިލް ފޯނު އަނބުރާ ހޯދާފައިވާއިރު ފޯނުތަކުގެ ޖުމްލަ އަގު 202،375 ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން 80،400 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނާއި 110،263 ރުފިޔާގެ އެހެނިހެން ތަކެތި ވަނީ ހޯދާފަ އެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 13 ބިދޭސީއަކު ވެސް ފުލުހުން ވަނީ މިދިޔަ މަހު އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

މިދިޔަ މަހު 45،380 ތަނެއް ޗެކްކޮށްފައިވާ އިރު، 5،015 މީހުން ހުއްޓުވައި ސުވާލު ވަނީ ކޮށްފަ އެވެ. މީގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 4،833 މީހުން ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.