Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްގީކުރަން ބިޑަށް ހުޅުވާލަނީ

ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމް ކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ މަސައްކަތް ކުރުމަށް ބިޑަށް ހުޅުވާލަން ތައްޔާރުވަމުންދާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ މުނިފޫހިފިލުމުގެ ގޮތުން ކުރާ މަސްވެރިކަން ނުވަރަ ސްޕޯޓްސް ފިޝިން އަކީ ސަރުކާރުން އަދި ވަކީން ހާއްސަކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދެއްވާ އަދި ސިނާއަތެއްގެ ގޮތުގައި ދެކެން ބޭނުންވާ ކަމެއް ކަމަށެވެ.

ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނަފައި ހުރި ކަންކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެގޮތުން ސްޕޯޓްސް ފިޝިން އަށް ހާއްސަ ބަނދަރު ތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށާއި އެގޮތުން މިހާރު އެ ސަރަހައްދުތައް ކެބިނެޓުންވެސް ކަނޑައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ އެސަރަހައްދުތައް ހުޅުވާލުމަށްޓަކާ ބިޑް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސްޕޯޓްސް ފިޝިން އަކީ ދުނިޔޭގައި ވަރަށް ބޮޑު އާމްދަނީ އެއް ދައުރުވާ ސިނާއަތެއް ކަމަށާ ސްޕޯޓްސް ފިޝިން އަކީ މަންފާ ލިބޭ ސިނާއަތެއްގެ ގޮތުގައި ރާއްޖޭގައިވެސް ތަރައްގީ ކުރެވިދާނެ ކަމެއް ކަމަށެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް މުނިފޫހިފިލުވުމުގެގޮތުން މަސްވެރިކަން ކުރުމަށް ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ސްޕޯޓްސް ފިޝިން ޕްރޮމޯޓްކޮށްގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޯކަލް ޓުއަރިޒަމްވެސް ތައާރަފްވެފައި އެބަހުރި ކަމަށް ވަޒީރު ވިދާޅުވި އެވެ.

ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ބޮޑެތި ގޮންޖެހުން އެބަހުރިކަމަށާ އެކަންކަން ހައްލު ކުރުމަށް ރާއްޖޭގެ އެކިސަރަހައްދުތަކުގައި ކަނދުފަތި ގާއިމް ކޮށްފައިވާ ކަމަށާ ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ މީހުން ގެންގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމަށް ލޯނުވެސް ދޫކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ.