އަމާޒަކީ މި ފަސް އަހަރުތެރޭ 500 ހާފިޒުން ބިނާކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ މި ފަސް އަހަރު ތެރޭ 500 އެއްހާ ހާފިޒުން ބިނާކުރުމަށް ކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމެއް ކަމަށާއި މި މަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާފިޒުންގެ އެލަވަންސް ވެސް ބޮޑު ކުރައްވާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މި ސަރުކާރު އައި ފަހުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެ އެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފަ އެވެ.
މީގެއިތުރުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެ އެވެ. އަދި ހުޅުމާލޭގައި ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފަ އެވެ.
ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޢުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމެއް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފަށާފަ އެވެ.