މީހަކަށް ބައިވަރު ރުފިޔާތަކެއް ލިބުނެވެ. އެކަމަކު އޭގެ ކުރިން އޭނާވަނީ އެކި މީހުނަށް ދަރާފައެވެ. މީހުންގެ އަތުން ދަރަންޏަށް އެއްޗެހިތައް ނެގިފަ އެވެ. އެ ހުރިހާ ދަރަންޏެއް ކަނޑާލި އިރު އަތުގައި އޮތީ މަދު ރުފިޔާކޮޅެކެވެ.
ދުނިޔެ މަތީގައި މީހުންނަށް އަނިޔާވެރިވެ ޣީބާ ބުނެ ޙައްޤުތަކަށް އަރައިގަނެފައިވާ މީހާ، ޤިޔާމަތް ދުވަހު އޭނާ އޭގެ ބަދަލު ދޭން ޖެހޭނެ އެވެ. ދުނިޔެ މަތީގައި ދަރަނި ނުދައްކާ ފިލައިގެން އުޅެވުނަސް އެ ދުވަހުން ސަލާމަތެއް ނުވެވޭނެ އެވެ. އެއީ އޭނާގެ ހެޔޮ އަމަލުތައް އެމީހުނަށް ދީގެންނެވެ.
ހެޔޮ ޢަމަލެއް ނެތް ނަމަ ނުވަތަ އޭގެން ނުފުދުނު ނަމަ، އެމީހުންގެ ނުބައި ޢަމަލުތައް އެ މީހާއަށް ދެވޭނެ އެވެ.
މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.
ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވި އެވެ؛
“ބަނގުރޫޓުވެފައިވާ މީހަކީ ކާކުކަން ތިޔަބައި މީހުންނަށް އެނގިލައްވާ ހެއްޔެވެ؟”
ޞަޙާބީން ދެންނެވި އެވެ:
އަހުރެމެންގެ ތެރޭގައި ބަނގުރޫޓު ވެފައިވާ މީހެކޭ ކިޔަނީ އެމީހެއްގެ އަތުގައި ދިރުހަމެއް މުދަލެއް ނެތް މީހަކަށެވެ.
ދެން ރަސޫލާ ޙަދީޘްކުރެއްވިއެވެ،
“ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ބަނގުރޫޓުވެފައިވާ މީހަކީ، ޤިޔަމާތްދުވަހު (ﷲގެ ޙަޟްރަތަށް) އަންނައިރު ނަމާދާއި، ރޯދައާއި، ޒަކާތާއި، (މިފަދަ ހެޔޮޢަމަލުތަކާއިގެން އަންނަހިނދު ދުނިޔެމަތީގައި) މިވެނި މީހާއަށް މަލާމަތްކޮށްފައި، އެވެނި މީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައި، މިވެނި މީހާގެ މުދާ ކައިފައި، އެވެނި މީހާގެ ލޭ އޮހޮރުވާފައި، މިވެނި މީހާގެ ގައިގައި ޖަހާފައި، އަންނަ މީހާއެވެ. ދެންފަހެ އޭނާގެ ހެޔޮ ޢަމަލުތައް މިވެނި އެވެނި މީހަކަށް ދީފައި، އޭނާގެ ހެޔޮ ޢަމަލުތައް ހުސްވާއިރުވެސް އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހުންގެ ޙައްޤު އަދާ ނުވާތީ، އެންމެ ފަހުން އެމީހާގެ ނުބައިކަންތައްތައް ބޮލުއަޅަންޖެހޭ މީހާއެވެ. ދެންފަހެ އޭނާ ނަރަކައިގެ ތެރެއަށް އެއްލާލެވޭނެތެވެ.”
ނޯޓް: މިއީ ޝައިހް ޝިރުޙާނު ޢަލީގެ ލިޔުއްވުމެކެވެ.