Last Updated: July 10, 09:56
Thursday, July 10, 2025
ޚަބަރު

ޒީނިއާ ޑެޕިއުޓީ ސުޕްރިންޓެންޑެންޓަކަށް

އައްޑޫ ހުޅުމީދޫ ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ހިމެނޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަޤާމަށް ފަސް ބޭފުޅަކު އައްޔަންކޮށްފި އެވެ.

އޭގެ ތެރޭގައި ދެން ހިމެނެނީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރީގެ ޕްރިންސިޕަލް އަދި ފަހުން އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ގައި ސީނިއަ ކަރިކިއުލަމް އެނަލިސްޓެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދެވި ފަޒުނާ ޔޫސުފު ފާރިޤް އާއި ށ. އަތޮޅު މަދަރުސާގެ ކުރީގެ ޕްރިންސިޕަލް އަޖުމަދު ފައިސަލާއި ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާގެ ކުރީގެ ޕްރިންސިޕަލް މުޙައްމަދު ނާޒިމާއި މާއެނބޫދޫ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުފީދެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސ،. އަތޮޅުގައި މަދަރުސާގައި މަސައްކަތް ކުރައްވައި އެ ސްކޫލަށް ބޮޑެތި ކުރިއެރުންތަކެއް ވެސް ހޯއްދަވާ ދެއްވާފައިވާ ޒީނިއާ ސްކޫލް ދޫކޮށްލައްވައި އާ މަގާމަކާ އެކު މާލެ އަށް ބަދަލުވެވަޑައިގަންނަވަން ނިންމެވުމާ ގުޅިގެން އެ ސްކޫލްގެ ވަރަށް ގިނަ ގިނަ ބެލެނިވެރިންނާއި ދަރިވަރުންނަށް ވެސް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައިވެ އެވެ.

ޒީނިޔާ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 23 އަހަރުވެއްޖެއެވެ. އޭގެ ތެރެއިން 7 އަހަރު ހޭދަކުރެއްވީ ކިޔަވައި ދެއްވުމުގައެވެ. އޭގެ ފަހުން ޕްރިންސިޕަލެއްގެ ގޮތުން 16 އަހަރު ޚިދުމަތް ކުރެއްވިއެވެ. އޭނަ ވަނީ މާސްޓަސް އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް އަދި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޢުލީމް ޙާޞިލް ކުރައްވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އަށް ފަސް ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން އައްޔަންކުރި އިރު، އެ މިނިސްޓްރީގެ ފުރަތަމަ ސުޕްރިންޓެންޑެންޓަކީ އިސްމާއިލް ސައުދުﷲ އެވެ.

މި ސަރުކާރު އައި ފަހުން ތަޖުރިބާކާރު ވަރަށް ގިނަ ޕްރިންސިޕަލުންތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.