Last Updated: July 10, 11:25
Thursday, July 10, 2025
ޚަބަރު

މިދިޔަ ހަފްތާގައި ސްކޭމްތަކުން ހަތަރު ލައްކަ ގެއްލުނު

އޮޅުވާލައިގެން މަކަރާއި ހީލަތުން މިދިޔަ ހަފްތާގައި އެކަނި ވެސް މީހުންގެ އަތުން 400،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.

އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހުގެ 29 އިން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 50 މައްސަލައެއް ރިޕޯޓުކުރި އެވެ. އެ ސްކޭމްތަކުގައި ޖުމްލަ 416،879.42ރ. ގެއްލުނު ކަމަށާއި ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން ހޯދުނީ 114،276.42ރ. ކަމަށް އެ ސެންޓަރުން ބުންޏެވެ.

މިދިޔަ ހަފްތާގައި އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިން ހިންގައިފައިވާ ސްކޭމްތައް ކަމަށް އެ ސެންޓަރުން ބުނެ އެވެ. އެގޮތުން އެފަދަ 29 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި ނުވަ ސްކޭމާއި ޝަހުސު އޮޅުވާލުމުގެ ތިން މައްސަލައަކާއި ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލުމާއި ފޯނުން ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިންކުތަކުން (ފިޝިންއާއި ވިޝިން) ސްކޭމް ކުރުމުގެ ހަ މައްސަލައެއް ހުށަހަޅައިފައިވެ އެވެ. އަދި ސްކޭމްތަކުގެ އެހެނިހެން ތިން މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

އެ ސެންޓަރުން ބުނި ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ބޮޑަށް ބޭނުންކޮށްފައި ވަނީ ފޯނުކޯލާއި އައިބޭއާއި އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި ފޭސްބުކް މާކެޓް ޕްލޭސް އެވެ.

އެންޓި ސްކޭމް ސެންޓަރުން ވަނީ އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އަދި އެޕްލިކޭޝަންތަކުގެ ޓޫ-ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް އިލްތިމާސްކޮށްފަ އެވެ.