Last Updated: July 10, 09:56
Thursday, July 10, 2025
ޚަބަރު

މިލްކުވެފައިވާ ގޯތިތަކަށް އައު އުސޫލެއް ހެދުން ގާނޫނާ ހިލާފު

ކުރީގެ އުއްތަމަ ފަނޑިޔާރު - ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކަކީ މިހާރު އެ ރައްޔިތުންގެ މިލްކެއް ކަމަށާއި، އޭރު ހެދި އެއްބަސްވުމާ ފުށުއަރާގޮތަށް އައު އުސޫލެއް އާންމުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ގާނޫނާ ފުށުއަރާ ކަމަށް ބުނެ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް މި ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ. އެ ބަދަލު ގެނައީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ ސަރުކާރުގެ އިދާރާއަކުން މިހާ ފާޅުކަން ބޮޑު ގޮތަކަށް ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަންކަން ނިންމާއިރު، މިއީ ދައުލަތުގެ ބަންޑާރަނައިބުގެ ޤާނޫނީ ލަފާގެ މަތިން ހިނގާ ކަންކަންތޯ ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ދުސްތޫރީ ހަމަތަކުގެ މަތިން ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތްތައް ރޫޅާލުމަކީ ޤާނޫނުގެ ޙުކުމަށް ޙުރުމަތްތެރިކޮށް ހިތާ، ތަހްޒީބު މުޖްތަމަޢުތަކުގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުން ޢާންމުކުރި އުޞޫލެއްގެ ދަށުން ގޯތި ލިބިގަތުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކާ އެކު، އެއްބަސްވުންތައް އެކުލަވާލެވި، އެފަރާތްތަކާ ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރެވުނު ހިސާބުން އެއީ އެފަރާތްތަކުގެ މިލްކެއްކަމުގައި މެނުވީ ޤާނޫނީގޮތުން ނުބެލެވޭނެ،" ދީދީ ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ ފުރިހަމަވެފައިވާ މުޢާމަލާތެއް ތަންފީޒުކޮށް ގޯތީގެ މިލްކުވެރިންނަށް ގޯތި ޙަވާލުކުރުމުގެ ބަދަލުގައި، މިހާރުގެ ސަރުކާރުން ކުރީގެ ގޯތި ދޫކުރެވުނު އުޞޫލާ ފުށޫއަރާ އެހެން އުޞޫލެއް ޢާންމުކުރުމަކީ ޤާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރާއި ގޯތި ލިބުނު ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތައް ޤާނޫނާ ފުށޫއަރާ ކަމަށް ބުނެ ބަދަލުކުރުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް، ސަރުކާރުގެ ފަރާތުން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ޚުޞޫމަތެއް އޮވެއްޖެއްޔާ އެކަމުގައި ގޮތެއް ނިންމާނީ ކަމާބެހޭ ކޯޓުން ކަމަށްވެސް ވިދާޅުވި އެވެ.