Last Updated: July 10, 10:56
Thursday, July 10, 2025
ޚަބަރު

އިޒްރޭލާ ގުޅުން ހުރި ކުންފުންޏަކާ މުއާމަލާތެއް ނުކުރަން

އިޒްރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏާ މުއާމަލާތެއް ނުކުރާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން މިހެން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން އެމްއޭސީއެލް އިން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިޒްރޭލާށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެ، ރާއްޖެޓީވީން ދައުރުކުރަމުންދާ ވީޑިއޯއާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށް ވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް ޢަމަލެއް އެ ކުންފުނިން ކޮށްފައިނުވާނެ ކަމާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި މި ކުންފުނިން އެއްވެސް މުޢާމަލާތެއް ކޮށްފައެއްނުވާނެއެވެ. ވަކިން ޚާއްސަކޮށް، ރާއްޖެޓީވީއިން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު މިވާހައަކީ އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމުން، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ގިއުގަނޑުތަކުގެ ތެރޭގައި ތެދު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށްވެސް އެމްއޭސީއެލް އިން ވަނީ ރާއްޖެޓީވީއަށް އިލްތިމާސްކޮށްފަ އެވެ.

އެމްއޭސީއެލް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށް ވެފައި، އެ ކުންފުންޏާއި މެދު މިފަދަ ސާބިތު ނުހިފޭ، ހަގީގަތާއި ޚިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ޤާނޫނީ ފިޔަވަޅުތައް ބަލަމުންދާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެ ފަ އެވެ. އެގޮތުން ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ޤާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މި މައްސަލަ ހުށަހެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.