Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ޓާމިނަލްގެ ކްރެޑިޓް ބަޔަކު ނަގަން އުޅުމަކީ އަޖައިބެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހަދާ ނިމުމުގެ ކްރެޑިޓް ކްރެޑިޓް އެއްވެސް ބަޔަކު ނަގަން އުޅުމަކީ ބޮޑު އަޖައިބެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ވީއައިއޭގެ އާ ޓާމިނަލްގެ ބޮޑެތި މަސައްކަތްތައް ކުރީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އާ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ކާމިޔާބުވުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ވީއައިއޭގެ އާ ޓާމިނަލް މި މަހު 26 ގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓް ކަމަށްވާ "އެލެކްސް އަހްމަދު" ގެ އެކައުންޓުން ކުރި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލް ހަދާ ނިންމުމުގެ ކްރެޑިޓް ނަގަން އެއްވެސް ބޭފުޅަކު އުޅުމަކީ ބޮޑު އަޖައިބެއް ކަމަށެވެ.

"ދެ ބިލިއަން އިން ރާއްޖެ ދަރައި އަދި 15 އަހަރު ގެއްލިދިޔަ ކަމަކަށް ކްރެޑިޓް ނަންގަވަން އުޅުއްވަންވީ ސަބަބެއް ނުވިސްނޭ،" ނަޝީދު ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.

ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ގާއިމްކޮށްފައި ވެ އެވެ.