Last Updated: July 8, 11:14
Tuesday, July 8, 2025
ޚަބަރު

ކައުންސިލްތަކުގެ އިންކުއަރީގެ ރިޕޯޓުތައް އާންމުކުރަނީ

އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ރިޕޯޓު އާންމުކުރާގޮތަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ އެލްޖީއޭގެ ޓްރާންސްޕޭރެންސީ އިތުރުކުރުން ކަމަށެވެ. މީގެ އިތުރުން މި ނިންމުމުގެ ސަބަބުން ކައުންސިލުތައް ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި މި ކަމުގެ ސަބަބުން ގުޑް ގަވަނެންސްގެ ހަމަތައް ދަމަހައްޓަން މަގުފަހިކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އެލްޖީއޭގެ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން ނިންމާފައިވާ އިރު، މިދިޔަ މަހު އެލްޖީއޭއިން ވަނީ ތިނަދޫ ސިޓީ ކައުންސިލުގެ މައްސަލައެއް ބަލައި، ތިނަދޫގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް އަދި އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑުކޮށްފަ އެވެ.

މީގެއިތުރުން ކައުންސިލުގައި ދެން ތިބި ކައުންސިލަރުންނަށް ނަސޭހަތް ދީ، މުސާރައިގެ އިތުރުން ގާނޫނާ ހިލާފަށް ކައުންސިލަރުން ނަގާފައިވާ ފައިސާ އަނބުރާ ދިނުމަށް ވެސް އެލްޖީއޭއިން ވަނީ އަންގާފަ އެވެ.