ދިވެހިންގެ ވިންދާ ނުގުޅޭ ޒާތުގެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލް އިން މިހެން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން އެމްއޭސީއެލް އިން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިޒްރޭލާށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެ، ރާއްޖެޓީވީން ދައުރުކުރަމުންދާ ވީޑިއޯއާ ގުޅިގެންނެވެ.
އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށް ވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް ޢަމަލެއް އެ ކުންފުނިން ކޮށްފައިނުވާނެ ކަމާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އަދި ރާއްޖެޓީވީ އިން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް އެ ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމްއޭސީއެލް އިން ވަނީ ރައްޔިތުންނަށް އަރުވާފަ އެވެ.
އެމްއޭސީއެލް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށް ވެފައި، އެ ކުންފުންޏާއި މެދު މިފަދަ ސާބިތު ނުހިފޭ، ހަގީގަތާއި ޚިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ޤާނޫނީ ފިޔަވަޅުތައް ބަލަމުންދާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ. އެގޮތުން ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ޤާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މި މައްސަލަ ހުށަހެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް މި މަހު 26 ގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.