ސްޓާ ޕްލަސްގެ ކުރީގެ ސިލްސިލާ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ދެވަނަ ސީޒަންގެ ޕްރޮމޯ ދައްކާލައި، އެ ޕްރީމިއާކުރާ ތާރީހު ވެސް ސްޓާ ޕްލަސް އިން އިއުލާންކޮށްފި އެވެ.
މީޑިއާތަކުން ކުރިން ބުނެފައި ވަނީ އާ ސީޒަން މި މަހުގެ 3 ގައި ޕްރީމިއާކުރާނެ ކަމަށެވެ. އެއީ ފުރަަތަމަ ސީޒަން 2000 ވަނަ އަހަރު ޕްރީމިއާކުރި ތާރީހު ވެސް މެ އެވެ. ނަމަވެސް ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ބާލާޖީން މިހާތަނަށް ގެނެސްދީފައިވާ އެންމެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ދެވަނަ ސީޒަން ޕްރީމިއާ ކުރަން ނިންމާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭގަ އެވެ.
އެއީ ރާއްޖެ ގަޑިން 10:00 ގަ އެވެ.
"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ 2" ސްޓާ ޕްލަސް އިން ގެނެސްދޭނެކަން އިއުލާންކޮށްފައި ވަނީ ބާލާޖީ އާއި ނެޓްފްލިކްސް އިން ދާދި ފަހުން އެއްބަސްވުމެއް ހަދާފައިވާތީ، ސިލްސިލާ މި ފަހަރު ގެނެސްދޭނީ އެ ޕްލެޓްފޯމުން ކަމަށް ވެސް ބައެެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ނަމަވެސް ނެޓްފްލިކްސް އަށް ސިލްސިލާ ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. އޭގެ ބަދަލުގައި "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ 2" ސްޓްރީމް ކުރާނީ ޖިއޯހޮޓްސްޓާ އިންނެވެ.
މި ސިލްސިލާ އަށް އިންތިޒާރުކުރާ މީހުންނަށް އޮތް އެންމެ އުފާވެރި ޚަބަރަކީ ފުރަތަމަ ސީޒަންގެ މައިގަނޑު ތަރި ކަމަށްވާ ސުމިރްތީ އިރާނީ އޭނަގެ ތުލްސީ ކެރެކްޓާ އިން ހަމަ ކުރީގެ ލުކްގައި އަންނާނެކަމެވެ. ޕްރޮމޯ ވެސް ގެނެސްދީފައި އޮތީ އޭނަގެ ފަސްޓްލުކާ އެކީގަ އެވެ.
ވަރަށް ޒަމާންތަކެއް ފަހުން ސުމިރްތީ އެކްޓިން އަށް އެނބުރި އައި އިރު، އޭނަ އަކީ މިހާރު އިންޑިއާގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މީހެކެވެ. ވެރިކަން ކުރާ ޕާޓީ، ބީޖޭޕީ އަށް ނިސްބަތްވާ ސުމިރްތީ އަކީ ޔުނިއަން ކެބިނެޓް މިނިސްޓަރެކެވެ. އޭނަ ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާ އާއި މަތިގެ، ރާޖިއަ ސަބާގެ މެންބަރުކަން ވެސް ކޮށްފަ އެވެ.
ސުމިރްތީ އަށް ބޮޑު މަޝްހޫރުކަމެއް ލިބުނު "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" އަކީ ސްޓާ ޕްލަސް އިން ޖުލައި 3، 2000 އިން ފެށިގެން ނޮވެމްބަރު 6، 2008 އާ ހަމައަށް ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 1،833 އެޕިސޯޑް ގެނެސްދީފައިވެ އެވެ.