ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އެކަން ރަސްމީކޮށް މޮރޮކޯ ސަރުކާރުން މިހާރު އަންގާފައި ވެސް ވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކިޔަވަން ތިބޭ މުއްދަތުގައި އިމާމުންނަށް ޕޮކެޓް މަނީ ވެސް ލިބޭނެ ކަމަށާއި އިމާމުންނަށް އަރަބި ބަސް ކިޔަވައި ދޭން އެޤައުމުގައި ޤާއިމުކޮށްފައިވާ ޚާއްޞަ އިންސްޓިއުޓަކީ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއް ކަމަށެވެ.
ޝަހީމު ވިދާޅުވީ އެތަނުގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަން ވެސް ލިބޭނެ ކަމަށެވެ.
"އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާ އެކު ވަރަށް އަވަހަށް ސޮއިކުރެވިގެން ދާނެ،" އޭނަ ވިދާޅުވި އެވެ. "މި އެއްބަސްވުން މިހާރުވަނީ މިނިސްޓްރީ އަށް ލިބިފައި."
އިމާމުންގެ ފެންވަރު މަތިކުރުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ އެކި ގައުމުތަކަށް އިމާމުން ސްޓަޑީ އާއި ތަޖުރިބާ ދަތުރުތަކަށް މިދިޔަ އަހަރުން ފެށިގެން ފޮނުވަމުންނެވެ. އަދި އިމާމުންނަށް މަތީ ތައުލީމު ފުރުސަތު ވެސް އަންނަނީ ފަހިކޮށް ދެމުންނެވެ.