ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އިންޑިއާގެ ކުރީގެ ބަތަލާ ސަމީރާ ރެޑީ އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ.
އޭނަ އެނބުރި އެކްޓިން އަށް އަންނަ ފިލްމަކީ އަދި ނަން އިއުލާން ނުކުރާ ތުރިލާއެކެވެ. މީގެ ޓީޒާ މި މަހުގެ 10 ގައި އާންމުކުރާނެކަން އިއުލާންކޮށް ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ފެންނަނީ ސަމީރާ ފާނޫޒެއް ހިފަހައްޓައިގެން ހުންނަ ތަނެވެ.
އޭގައިވާ ގޮތުން މި ފިލްމުގެ ޑައިރެކްޓަރަކީ ގާގަން ޕޫރީ އެވެ.
ޕޯސްޓްގައި ސަމީރާ ބުނީ އެކްޓިން އަށް އެނބުރި އައީ ކަމަށާއި އޭނަގެ މި މަސައްކަތަށް ވަރަށް ގިނަ ބައެއްގެ ލޯބި ވެސް ބޭނުންވާ ކަމަށެވެ.
އުމުރުން މިހާރު 46 އަހަރުގެ ސަމީރާ އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "މުސާފިރު" އާއި "ރޭސް" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާއެކެވެ. އޭނަ އެކްޓިން އަށް ނުކުތީ ސަލްމާން ޚާންގެ ކޮއްކޮ ސުހައިލް ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ކުޅުނު 2002 ގެ "މޭނޭ ދިލް ތުޖް ކޮ ދިޔާ" އިންނެވެ. ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުތަކުގެ ފިލްމުތައް ވެސް ކުޅެފައިވާ ސަމީރާގެ އެންމެ ފަހުގެ ފިލްމަކީ 2013 ގެ ކަންނާޑާ ފިލްމު "ވަރަދަނަޔަކަ" އެވެ.
އަޖޭ ދޭވްގަންއާ އެކު ސަމީރާ 2004 ގައި ކުޅުނު ފިލްމެއް ރިލީޒް ނުކުރެވި އޮންނަތާ އެތައް އަހަރެއް ފަހުން މިދިޔަ އަހަރު އެ ފިލްމު ރިލީޒްކޮށްފައިވެ އެވެ. އެއީ އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާ "ނާމް" އެވެ.
ދެހާސް ސާދައިގައި ކައިވެނިކުރި ސަމީރާ އަކީ މިހާރު ދެ ކުދިންގެ މައެކެވެ.