ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ ދަރިފުޅު، ޖުނައިދު ޚާންގެ ތިން ވަނަ ފިލްމު "އޭކް ދިން" މި އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭން ނިންމައިފި އެވެ.
ޝޫޓިން ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމަކީ އާމިރު ޕްރޮޑިއުސްކޮށް، ސުނިލް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައި ދޭނެ "އޭކް ދިން" ނޮވެމްބަރު 7 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، މި ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް ޖަޕާންގެ ހިތްގައިމު ތަންތަނުގައި ވެސް ޝޫޓްކޮށްފައިވެ އެވެ.
ޖުނައިދާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ދެކުނުގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ސައީ ޕައްލަވީއާ އެވެ. އޭނަ އަކީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ރަންބީރް ކަޕޫރްގެ 'ރާމާޔަން' ގެ ވެސް ބަތަލާ އެވެ.
ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ މިދިޔަ އަހަރުގެ ތާރީހީ ފިލްމު 'މަހާރާޖް' އިން ފިލްމީ ދަތުރު ފަށައިގަތް ޖުނައިދު، 32، ގެ ދެވަނަ ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ 'ލަވްޔާޕާ' އެވެ. އެއީ ޖުނައިދުގެ ބައްޕަ އާމިރު ޕްރޮޑިއުސްކުރި ފިލްމެކެވެ.
ގިނަ ބަޔަކު މިހާރު އަންނަނީ "އޭކް ދިން" ގެ ޕޯސްޓަރާއި ޓީޒާ/ޓްރެއިލާ އަށް އިންތިޒާރު ކުރަމުންނެވެ.