ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް އަވަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އެ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސައީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތީ ފަސޭހަ ހިސާބެއްގައެއް ނޫން ކަމަށާއި ވަރަށް ގިނަ ގޮންޖެހުންތަކާއެކު އިގުތިސާދު އޮތީ ހުއްޓިފައި ކަމަށެވެ.
ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް ނުވަތަ މަޑުޖެހުމަކަށް ނުދާހެން، މަޝްރޫއުތައް ނިންމަން ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ކެނޑިނޭޅި ކެބިނެޓަށް ބާރު އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެބަ ހުޅުވޭ. އެ ހުޅުވުމުގައި ވެސް، ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ޓައިމްލައިންތަކުގައި އެންމެ ބޮޑު އިސްކަމެއް، އިތުރަށް ނެގޯޝިއޭޓް ނުކުރެވޭ ވަރަށް، މާނައަކީ ހަމަ ކަނޑައެޅިގެން ތާރީހުތަކެއް ދެއްވައިފައި، އެއާޕޯޓަށް ވެސް އެ އިންސްޓްރަކްޝަން ދެއްވި ނިންމަން. އެހެންވީމަ، އެ ނަތީޖާ އެގޮތަށް ފެނިގެން އެ ދަނީ،" ސައީދު ވިދާޅުވި އެވެ.
"ކޮންމެ މޫސުމެއް، ކޮންމެ ގޮތަކަށް ބައްދަލު ކުރިޔަސް، ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއެކު ރާއްޖޭގެ އިގުތިސޯދު ހަމަމަގަށް އެޅުވުމަށް އަދި ކޮންފިޑެންސް ބިލްޑްކުރުމުގެ މަސައްކަތްތަކެއް ވަރަށް ހިކުމަތްތެރިކަމާއެކު ކުރައްވަމުން އެ ގެންދަވަނީ،"
ވީއައިއޭގެ އާ ޓާމިނަލް މި މަހު 26 ގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މި ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ގާއިމްކޮށްފައި ވެ އެވެ.