ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް މިއަދު ޒިޔާރަތް ކުރައްވުމާއެކު ވުޒާރާއިން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
މިއަދު ހެނދުނު ސައުދީ ސަފީރު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް ވުޒާރާއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނެވެ. އެއަށްފަހު ސަފީރު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.
މި ޒިޔާރަތުގައި ސަފީރު ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި ވުޒާރާގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވެ އެވެ. މި ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން ވުޒާރާގެ ކަންކަމުގައި ބަހައްޓަވާ އިސްކަމާއި ދެއްވާ އެހީތެރިކަން ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ސަޢުދީ ސަފީރަށް އަރުއްވާފަ އެވެެ.