އެމްޑަބްލިއުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކޮށްފި އެވެ.
ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލޭ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައިގައި ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފަޒީލް ސަސްޕެންޑް ކުރީ ޑިސެމްބަރު 19، 2024 ގަ އެވެ. ފަޒީލް ސަސްޕެންޝަނުގައި ހުރީ މުސާރަ ލިބޭ ގޮތަށެވެ.
އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަޒީލް މާދަމައިން ފެށިގެން މަގާމުން ވަކިކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެއީ، ކުންފުނީގެ މަސްލަހަތު ރައްކާތެރިކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމެއް ކަމަށް އެ ޕޯސްޓުގައިވެ އެވެ.
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ފުލުހުންނާއި އޭސީސީ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ ތަހުގީގާއި ގުޅިގެން ގިނަ ބައެއްގެ ޕާސްޕޯޓު ވެސް ފުލުހުން ހިފެހެއްޓި އެވެ. އޭގެތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ހިމެނެ އެވެ. މި ތަހުގީގުގެ ތެރެއިން ފުލުހުން ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ބައެއް ތަކެތި ވެސް ފުލުހުން ގެންގޮސްފައިވެ އެވެ.
ގޯތި ލިސްޓުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ ފަޒުލްގެ ބޭބެ ފަޒީލް އާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.
އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.