Last Updated: July 12, 22:22
Sunday, July 13, 2025
ޚަބަރު

36 މަސްވެރިއަކަށް މާލީ އެހީ ފޯރުކޮށް ދީފި

މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 30 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ 62 މަސްވެރިއެއްގެ އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާ ކަމަށާ އޭގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ދީފައިވާ ކަމަށެވެ.

މަސްވެރިން ލޯނު ނަގަނީ މަސްވެރިކަން ކުރާ އުޅަނދުފަހަރު މަރާމާތު ކުރުމަށާ މަސްވެރިކަމުގައި ބޭނުން ކުރާ ސަމާނު ގަތުމަށާއި މަސްވެރިކަމާ ގުޅުން ހުރި މަސައްކަތްތަކަށް ކަމަށް ވިދާޅުވި އެވެ.

މަސްވެރިންނަށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ކަންކަމަށް ލޯނު ލިބެން ފެށުމުން މަސްވެރި ސިނާއަތް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މިހާރު މަސްވެރިކަމަށް ނިކުންނަ މީހުން ގިނަވަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.