ޗައިނާގެ ޕްރީ ސްކޫލެއްގެ ދަރިވަރުންތަކަކަށް ނާސްތާގެ ގޮތުގައި ދިން ކާނާތަކެއް ވިހަވެ، 233 ދަރިވަރެއްގެ ހާލު ދެރަވެ ފަރުވާ ދޭން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުުގައި މިކަން ހިނގާފައި ވަނީ ގަންސޫ ޕްރޮވިންސްގެ ޓިއާންޝުއި ސިޓީގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ޕީޒިން ކިންޑަގާޓެން ސްކޫލްގަ އެވެ. ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވި މައްސަލައިގައި ސްކޫލްގެ 8 މުވައްޒަފަކު ހައްޔަރުކޮށް މިކަން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދަރިވަރުންނަށް ދިން ކާނާތަކުގެ ސާމްޕަލް ނަގައިގެން ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި ކާނާތަކުގައި ވަނީ ކާ އެެއްޗެހީގައި ބޭނުން ކުރަން ނުޖެހޭ ޒާތުގެ ކުލަތަކެއް ގިނަ އަދަދަކަށް ބޭނުންކޮށްފަ އެވެ. އެގޮތުން ސްޓީމްޑް ރެޑް ޑޭޓް ކޭކާއި ސޮސެޖް ކޯން ބަނަސްތަކެއްގައި އެ ކުލަ މަތީ މިންވަރަކަށް ބޭނުންކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ސްކޫލްގެ ޕްރިންސިޕަލް ފުލުހުންނަށް ދިން ބަޔާނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ޕްރިންސިޕަލްހެ އެންގެވުމަށް ކުލަގަތީ އޮންލައިންކޮށް ކަމަށެވެ. އަދި ފުލުހުން މިހާތަނަށް ބެލިބެލުމުން އެ ކުލަ އަކީ ކާ ކުލައެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި 8 މީހުންގެ ތެރޭގައި ސްކޫލް ޕްރިންސިޕަލްގެ އިތުރުން ސްކޫލާގައި ކާނާ ތައްޔާރުކުރާ ޝެފުންތަކެއް ވެސް ހިމެނެ އެެވެ.
ގިނަ އަދަދެއްގެ ދަރިވަރުން ކާނާ ވިހަވެ ފަރުވާ ދެމުން އަންނަ އިރު، ބައެއް ބެލެނިވެރިން ބުނީ މިދިޔަ މާޗް މަހުން ފެށިގެން އެކި ދަރިވަރުންގެ ފަރާތުން ސިއްހީ ތަފާތު މައްސަލަތައް ދިމާވަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން ބަނޑާއި ފައިގެ ރިއްސުމާއި ކުދިން ކާ ހިތް ނުވުން ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް ބެލެނިވެރިން ބުނެފައިވެ އެވެ.
އަދި މިއީ ސްކޫލުން ދެމުން އައި ނާސްތާގެ ސަބަބުން ދިމާވަމުން ކަންތައްތަކެއްކަން މިހާރު ޔަގީންވެފައިވާ ކަމަށް ބެލެނިވެރިން ބުންޏެވެ.
ދަރިވަރުން ކާނާ ވިހަވި މައްސަލަ ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނައީ ބެލެނިވެރިންނެވެ.
މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި ޓިއަންޝުއި ސިޓީގެ މޭޔަރު ލިއު ލިޖިއަން ވިދާޅުވީ މިއީ ކާބީތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުން ދޯދިވެފައި އޮތުމުން ސަބަބުން ދިމާވި ކަމެއް ކަމަށާއި މިކަމުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.