މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތު ޓެކްހެއް ނަގަން ނިންމުމާ ގުޅިގެން ސަރުކާރުގެ އެކީގައި އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ޓެކްސްގެ ކަންކަން ހަމަޖައްސައި ދޭނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުން އަންނަ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުން އަންނަ ކަމަށެވެ. އަދި މެލެޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކުދިންގެ އަތުން އަލަށް ނަގަން ހަމަޖެއްސި ޓެކްސް ވެސް ސްކޮލަޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ދޫކުރަމުން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"މި ވުޒާރާއިން ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ އެފަދަ ކުދިންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައި ދޭން މި ދަނީ މަސައްކަތް ކުރަމުން." ހަޔަ އެޑިއުކޭޝަނުން ބުންޏެވެ.
މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން ހަ ޕަސެންޓްގެ ޓެކްހެއް ނަގަން ނިންމީ މި މަހުން ފެށިގެންނެވެ. އެގޮތުން ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ނަގާ އަމިއްލަ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި މަތީ ތައުލީމު ފޯރުކޮ ށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، އެ ޓެކުހަށް ރެޖިސްޓަ ކުރަން ޖެހޭނެ އެވެ.