Last Updated: July 13, 06:09
Sunday, July 13, 2025
ޚަބަރު

ނޭޝަނަލް ސާވިސް ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ފޯމު

ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ނުވަތަ މޯލްޑިވްސް ނެޝަނަލް ސާވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 1،200 އަށް ވުރެ ގިނަ ޒުވާނުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕްރޮގްރާމުގެ ދަށުން ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1244 ޒުވާނުން ކުރިމަތިލާފައިވާ ކަމަށާއި އެ ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށް ވެސް ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

މިގޮތުން ދިވެހި ވަތަނީ ހިދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓު ތަރުތީބުކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެން ކަމަށާއި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީނު ފެށޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަށް ހިންގާ ޕްރޮގްރާމެކެވެ.

ރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ކޮންމެ މީހަކަށް، އެ ޚިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.