ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަކީ ޕްރެޝަރު ބޮޑު މަގާމެއް ކަމަށް އެ ކުންފުނީގެ އެމްޑީގެ މަގާމުން ރިޓަޔާކުރައްވަން ނިންމަވާފައި މައުރޫފް ޖަމީލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން މައުރޫފް ވިދާޅުވީ އެޗްޑީސީގެ އެމްޑީގެ މަގާމަކީ ވަރަށް ޕްރެޝަރު ބޮޑު މަގާމެއް ކަމަށާއި މި މަގާމުގައި ހުރެ ކުރަންޖެހޭ މަސައްކަތަށް އެކަނި ބެލިޔަސް އެއީ ވަރަށް ބޮޑު ޕްރެޝަރެއް ކަމަށެވެ. އެގޮތުން ހެނދުނު 8 ޖަހާއިރު ފަށާގޮތަށް ރޭގަނޑު ވަންދެން ވެސް މަސައްކަތުގައި އުޅެންޖެހޭ ކަމަށާއި ހުރިހާ ގޮތަކުން ވެސް ޕްރެޝަރު ހުންނަ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"މިކަހަލަ މަގާމެއްގައި ހުންނައިރު ހުންނާނެ ހުރިހާ ކަހަލަ ޕްރެޝަރެއް ވެސް. މަގާމާ އެކީގައި އަންނަ އެއްޗެއް އެއީ،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވުމުގެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ ސެމީ ރިޓަޔާކޮށްގެން ހުންނަވަނިކޮށް ކަމަށެވެ. އަދި މަގާމާ ހަވާލުވިއިރު ވެސް މަގާމުގައި މާގިނަ ދުވަހަކު ހުރުމުގެ ވިސްނުމެއް ނެތް ކަމަށާއި މަގާމުގައި ހުންނަވައިގެން ހާސިލްކުރައްވަން ބޭނުންވި ގިނަ ކަންކަން ހަ މަސް ތެރޭ ހާސިލުވެފައިވާ ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ.
މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އަދި އަންނަ މަހު ރިޓަޔާކުރައްވަން ނިންމަވާފައިވާކަން މައުރޫފް މިހާރު ވަނީ އިއުލާންކުރައްވައިފަ އެވެ.
މައުރޫފަކީ ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރުކަން ވެސް ކުރެއްވި ބިނާރުގެ ދާއިރާގެ ތަޖުރިބާކާރެކެވެ.