Last Updated: July 12, 13:10
Sunday, July 12, 2026
ކުޅިވަރު

ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

ބްރެޒިލްގެ ފްލުމިނެންސޭ 2-0 އިން ބަލިކޮށް ޗެލްސީން ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ 18 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ޗެލްސީއާ ގުޅުނު ބްރެޒިލްގެ ފޯވާޑް ޖައޯ ޕެޑްރޯ އެވެ. ޕެޑްރޯ މި ގޯލު ކާމިޔާބުކުރީ ފްލުމިނެންސޭގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ފްލުމިނެންސޭގެ ހާކިއުލޭސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ރޮގުމަތިން ޗެލްސީގެ ޑިފެންޑަރު މާކް ކުކުރެލާ ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން 11 މިނެޓްތެރޭ ޗެލްސީން ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. ޗެލްސީން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލުވެސް ކާމިޔާބުކޮށްދިނީ ޕެޑްރޯ އެވެ.

މި ގޯލަށްފަހު ވެސް ދެވަނަ ހާފުގައި ޗެލްސީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

ޗެލްސީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ބައްދަލުކުރާނީ ރެއާލް މެޑްރިޑް އާއި ޕީއެސްޖީ ބައްދަލުކުރާ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާ އެވެ. ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.