އިންވެސްޓަރުންނާއި އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖޭގެ އިޤްތިސާދާއި މާލިއްޔަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޚާއްސަ މަޢުލޫމާތު ސެޝަންއެއް ބާއްވައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ސެޝަން ބޭއްވުނީ ރާއްޖޭގެ މާލީ އަދި ފިސްކަލް ކަންކަމާ ބެހޭގޮތުން އިންވެސްޓަރުންނަށް މައުލޫމާތުދީ، އެފަރާތްތަކުގެ ހުރި ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ކަމަށެވެ.
މި ސެޝަންގައި އިންވެސްޓަރުންނަށް މަޢުލޫމާތު ދެއްވާފައިވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. މީގެއިތުރުން މި ދެ އޮފީހުގެ އިސްވެރިން ވެސް މި ސެޝަންގައި ބައިވެރިވެ، އިންވެސްޓަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވެ އެވެ.
ފިނޭންސުން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވި މި ބައްދަލުވުމުގައި، ރާއްޖޭގެ މާލީ ހާލަތާއި، އިގްތިސާދީ ކުރިއެރުންތަކާއި، އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ތަފްސީލީ މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މިފަދަ ސެޝަންތަކަކީ ރައްޖޭގެ މާލީ ހާލަތާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ އިންވެސްޓަރުންގެ އިތުބާރު އިތުރުކޮށް، އެފަރާތްތަކައި އޮންނަ ގުޅުން ދެމެހެއްޓުމަށް ކުރެވޭ މުހިއްމު ކަމެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.