ރާއްޖޭގެ ސުކޫކުގެ އަގު މައްޗަށް ޖެހިލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އިޤްތިސާދަށް ބައިނަލްއަޤްވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކައިދޭ ސުކޫކް 87.44 އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިއީ މި އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ހުރި 64.72 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިޤްތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ދިވެހި ސަރުކާރުން މިފަހުން އަޅާފައިވާ އުންމީދީ މުހިންމު ފިޔަވަޅުތައް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފިނޭންސުން ބުނީ ހަރުދަނާ އަދި އެއްބާރުލުންދޭ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި މުހިންމު ބައިލެޓަރަލް ޕާޓްނަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން ސުކޫކްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކާއި ދުނިޔޭގެ މާލީ މުޖުތަމައުއާ ގުޅިގެން ކުރާ މަސައްކަތުގެ ހެޔޮ އަސަރު ކަށަވަރުކޮށްދޭ ބައިނަލްއަގްވާމީ ބާޒާރުން ލިބުނު އިތުބާރުގެ ސާފު ވޯޓެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.