ޖަލުތަކުން ކުނީގެ ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެެއްބަސްވުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީޢެސް) އިން ހެދީ ސޮނެވާ ނަމޫނާއާ އެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމުގައި ކަރެކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ސޮނެވާ ނަމޫނާއިން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ އަޒްހޫރާ އަޙްމަދެވެ.
މި އެެއްބަސްވުމުގެ މައިގަނޑު މަސަދަކީ ޖަލުތަކުގައި ކުރެވޭ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ފައިދާ ކުރުވަނިވި އާދަތައް ތަޢާރަފް ކުރުމުގެ ގޮތުން، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ފެށުމެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކާދު ބޭނުން ކުރާނީ ޖަލުތަކުގައި ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގަ އެވެ.
އެއްބަސްވުމުގެ ދަށުން، ސޮނެވާ ނަމޫނާއިން ޤައިދީންނަށާއި އޮފިސަރުންނަށް އިސްރާފުކުރެވޭ ކާބާތަކެތި ބޭނުންކޮށްގެން ކާދު ހެދުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީ، އެ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ތަމްރީން ސެޝަންތައް ވެސް ކުރިއަށް ގެންދާނެ އެވެ.