ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ އައްޑޫ ބްރާންޗްގެ މުވައްޒަފުން އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހިތަދޫ ފަޔަ ސްޓޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ހިތަދޫގައި ހުންނަ ބްރާންޗްގެ ފަސް މުވައްޒަފަކު ބައިވެރިވި އެވެ.
މި ޕްރޮގްރާމުގެ ތެރޭގައި ފަޔަ އެވެއާނަސް ތިއަރީ އާއި ޕްރެކްޓިކަލް ކުލާސްތައްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
މި ޕްރޮގްރާމުގައި، އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަ އިދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެ ތަކެތި އަމަލީ ގޮތުން ބޭނުންކުރާނެ ގޮތްތައް ދަސްކޮށް ދީފައިވެ އެވެ.
މި ޕްރޮގްރާމުގެ ކުލާސްތައް ނަގައި ދިނީ އެމްއެންޑީއެފް ހިތަދޫ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުންނެވެ.
މީގެ ކުރިން ވެސް އެސްބީއައި އައްޑޫ ބްރާންޗްގެ މުވައްޒަފުންނަށް އަލިފާނާ ގުޅޭ ޕްރޮގްރާމެއް ހިންގާފައިވެ އެވެ.