Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އެއާޕޯޓް ރެޕްރެޒެންޓޭޓިވް އައްޑޫ ކޯހަށް މުއްދަތު އިތުރުކޮށްފި

ގަން އެއާޕޯޓްގެ މުވައްޒަފަކު ޓޫރިސްޓުންތަކަކަށް މަރުހަބާ ކިޔަނީ.

އެއާޕޯޓް ރެޕްރެޒެންޓޭޓިވުން ތަމްރީނު ކުރަން އައްޑޫގައި ހިންގަން ހަމަޖެހިފައިވާ ކޯހަށް އެޕްލައި ކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި ކޯހަށް އެޕްލައި ކުރަން ކުރިން މުއްދަތު މި މަހުގެ 6 އަށް ހަމަވެފައިވާތީ، ގިނަ ބަޔަކަށް ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން މުއްދަތު މިހާރު ވަނީ މި މަހުގެ 13 އާ ހަމައަށް އިތުރުކޮށްފަ އެވެ. ސުންގަޑި ހަމަވާނީ އެ ދުވަހުގެ މެންދުރު 12:00 އަށެވެ.

އެއާޕޯޓް ރެޕްރެޒެންޓޭޓިވުން ތަމްރީނު ކުރަން އައްޑޫގައި ހިންގަން ހަމަޖެހިފައިވާ ކޯހަކީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގަން ހަމަޖެހިފައިވާ ކޯހެކެވެ.

މި ކޯސް ހާއްސަކޮށްފައި ވަނީ އުމުރުން 16-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މިއީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެކެވެ. އަދި ކޯހަކީ "މީރީ" ޕްރޮޖެކްޓްގެ ފަރާތުން ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުން އަންނަ "ފިއުޗާ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ.

"ފިއުޗާ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް ދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުން ހިމެނެ އެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދަށް ބޭނުންވާ ތަފާތު ދާއިރާތަކުން ޒުވާނުން ތަމްރީންކޮށް ވަޒީފާގެ ބާޒާރަށް ނެރެން އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.