Last Updated: July 16, 12:04
Wednesday, July 16, 2025
މުނިފޫހިފިލުވުން

"ޕެރަޑައިސް' އިން ވެސް ރާގަވަށް ފުރުސަތެއް

މިހާރު ފިލްމުތަކުން ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ބޮލީވުޑްގެ ޒުވާން އެކްޓަރު ރާގަވް ޖުޔާލް އަށް މަޝްހޫރު ތެލެގޫ އެކްޓަރު ނާނީގެ އާ ފިލްމު "ދަ ޕެރަޑައިސް" އިން ވެސް ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ރާގަވްގެ 33 ވަނަ އުފަން ދުވަސް މާދަމާ ފާހަގަކުރާތީ އެކަމާ ގުޅުވައިގެން، ނާނީގެ ފިލްމުގެ ކާސްޓްގައި ހުނަރުވެރި އެކްޓަރު ހިމެނޭކަން އިއުލާން ކުރަން ހަފުލާއެއް ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. ބެލެވޭ ގޮތުން އެ ހަފުލާގައި
"ޕެރަޑައިސް" ގައި ރާވަގް ފެންނާނެ ގޮތުގެ ފަސްޓްލުކް ވެސް ދައްކައިލާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސްރީކާންތު އޮޑެލާ ޑައިރެކްޓްކުރާ އެކްޝަން ތުރިލާގައި ރާގަވް ކުޅޭނީ ފިލްމުގެ މައި ވިލަންގެ ރޯލެވެ. އެފަދަ ރޯލުތަކެއް ކުޅެގެން އޭނަ އަށް ކުރިން ވެސް ވަނީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ. އެއީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ކިލް" އާއި ފަރުހާން އަޚްތަރުގެ އެކްސަލް އެންޓަޓައިންމަންޓްގެ "ޔުދުރާ" ގަ އެވެ.

އެ ދެ ފިލްމުގެ ވެސް މައި ވިލަން އަކީ ރާގަވް އެވެ.

ނާނީގެ "ދަ ޕެރަޑައިސް" އިން އޭނަ އަށް ފުރުސަތު ލިބުނު އިރު، ޝާހްރުކް ޚާންގެ "ކިންގް" ގެ ކާސްޓްގައި ވެސް ރާގަވް ހިމެނެ އެވެ. އޭނަގެ ކުރިއަށް ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ހަސަލް" އާއި "ވެޑްލޮކް" ވެސް ހިމެނެ އެވެ.

ނެށުންތެރިންއެއްގެ ގޮތުގައި އާންމުން ދަންނަ މޫނަކަށްވެގެން ދިޔަ ރާގަވް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އާއި ވަރޫން ދަވަންގެ "އޭބީސީޑީ 2" ގެ އިތުރުން "ސްޓްރީޓް ޑާންސާ" ހިމެނެ އެވެ.

ރާގަވް އަށް ފުރުސަތު ލިބުނު "ދަ ޕެރަޑައިސް" އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.