Last Updated: July 12, 22:22
Saturday, July 12, 2025
ޚަބަރު

ވިމެންސް ކްރިކެޓްގެ ޗެމްޕިއަނަކީ ވިކެޓް ވޮރިއާސް

ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ 'ވިމެންސް ޓީ10 ކްރިކެޓް ކަޕް' ގެ ޗެމްޕިއަންކަން ވިކެޓް ވޮރިއާސްއިން ހޯދައިފި އެވެ.

އެ ޓީމުން މިމުބާރާތުގެ ޗެމްޕިއަންކަން އިއްޔެ ހޯދީ 24 ލަނޑުގެ ތަފާތުން ޓީމް ބެޓްލިން ބްލާސްޓާސް ބަލިކޮށްގެންނެވެ. ފައިނަލު މެޗުގައި ޓޮސް ދިމާވުމުން ވިކެޓް ވޯރިއާސް އިން ނިންމީ ކުޅެން އަރާށެވެ. އެ ޓީމުން ކުޅެން އަރައި 10 އޯވަރުގެ ތެރޭގައި 5 ވިކެޓަށް ހެދިފައި ވަނީ 49 ލަނޑެވެ.

ޖަވާބުގައި ބެޓްލިން ބްލާސްޓާސް ކުޅެން އަރައި 8.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 25 ލަނޑެވެ.

މި މަހުގެ 5-7 އަށް ބޭއްވި މުބާރާތުގައި ފަސް ޓީމު ވާދަކުރި އެވެ. އެއީ މާކޯނި އާއި ބެޓްލިން ބްލާސްޓާސް އާއި ކަނބުލޮ އާއި އޯކިޑްގެ އިތުރުން ވިކެޓް ވޯރިއާސް އެވެ.

މުބާރާތް ކުރިއަށްގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ. އެގޮތުން މުބާރާތުގައި ޖުމްލަ 11 މެޗެއް ކުޅުނެވެ.

މިމުބާރާތާ ގުޅޭ ގޮތުން މުބާރާތް އިންތިޒާމުކުރި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ބުނީ މުބާރާތަކީ ވަރަށް ފޯރި ގަދަ ކާމިޔާބު މުބާރާތެއް ކަމަށެވެ. އެގޮތުން އުމުރުން ވަރަށް ހަގު ކުދިންނާއި، ބެލެނިވެރިންނާ ޓީޗަރުން ވެސް ހިމެނޭ ގޮތަށް ފުވައްމުލަކުން ލިބުނު ތަރުހީބު ވަރަށް ރަނގަޅު ކަމަށެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ 'ވިމެންސް ޓީ10 ކްރިކެޓް ކަޕް' އަކީ އަންހެނުންގެ އެންމެ ބޮޑު ކްރިކެޓް މުބާރާތެވެ. މި ފަހަރުގެ މުބާރާތް ސީބީއެމުން ބޭއްވީ ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލާ ގުޅިގެންނެވެ.

ސީބީއެމުން ބުނީ މިފަދަ އުތުރު މުބާރާތެއް އަންނަ މަހަށް ވެސް ތާވަލުކޮށްފައިވާ ކަމަށެވެ.