Last Updated: July 16, 11:52
Wednesday, July 16, 2025
މުނިފޫހިފިލުވުން

'ދަޅަކް 2' މިހާރު އޮގަސްޓް 1 އަށް

ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ދަޅަކް 2" އަންނަ މަހުގެ 1 ގައި ސިނަމާތަކަށް ގެންނަން ނިންމައި، އެ ފިލްމުގެ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

ޝާޒިއާ އިގްބާލް ޑައިރެކްޓްކޮށްފައިވާ މި އަސަރު ގަދަ ލޯބީގެ ފިލްމުގެ ލީޑް ތަރިންނަކީ ޓްރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރަވެދީ އެވެ. މިއީ ޒުވާން މި ދެ ތަރިންގެ ޖޯޑު އެކީގައި ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރެވެ.

"ދަޅަކް 2" ގެ ރިލީޒްކުރާ ތާރީހާ އެކު ޕޯސްޓަރު ދައްކާލައި، ދަރުމާ އިން ބުނީ އަންނަ ހުކުރު ދުވަހު ފިލްމުގެ ޓްރެއިލާ ވެސް އާންމު ކުރާނެ ކަމަށެވެ.

ދަރުމާ އިން ކުރިން "ދަޅަކް" ގެ ނަމުގައި ވެސް ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ބޮލީވުޑަށް ތައާރަފުކުރަން 2018 ގައި ޑައިރެކްޓަރު ޝިޝާންކް ކައިތާން ގެނެސްދިން ފިލްމެވެ. ނަމަވެސް އެ ފިލްމާއި "ދަޅަކް 2" އާ އެއްވެސް ގުޅުމެއް ނެތެވެ.

މި ފިލްމަކީ ބޮލީވުޑްގެ މިހާރުގެ ކާމިޔާބު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ދަރުމާ އިން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ހަތަރު ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހިމް އަލީ ޚާން ތައާރަފުކުރަން މާޗްގައި ގެނެސްދިން "ނާދާނިޔާން" އެވެ.

ދަރުމާގެ ދެ ފިލްމެއް މި މަހުގެ ތެރޭގައި ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެއީ ހުކުރު ދުވަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "އާޕް ޖޭސާ ކޮއީ" އާއި މި މަހުގެ 25 ގައި ޖިއޯހޮޓްސްޓާ އިން ޕްރީމިއާ ކުރަން ނިންމާފައިވާ "ސަރްޒަމީން" އެވެ.