Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އެމްއައިޓީޑީސީ އުވައިލަން ފާސްކޮށްފި

މެދު ފަންތީގެ ޓޫރިޒަމް ކުރިއެރުވުމަށް އުފެއްދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން އެކުންފުނީގެ ހާލަތު ދިރާސާ ކުރުމަށް ފަހު އެކުލަވާލި ރިޕޯޓު މަޖިލީހުގެ މިއަދު ޖަލްސާގައި ފާސްކޮށްފައި ވަނީ 62 ވޯޓުގެ އަގުލަބިއްޔަތުންނެވެ.

އެމްއައިޓީޑީސީ އުވައިލަނމް މަޖިލީހުން ފާސްކުރި އެ ކުންފުނި އުވައިލަން ސަރުކާރުން ވެސް އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ނިންމައިފަ އެވެ. އެހެންވެ ނިންމުމާ އެއްގޮތަށް ކުންފުނި އުވާލުމުގެ މަރުހަލާ ކުރިއަށްގެން ދިޔުމަށް މަޖިލީހުން މި ވަނީ ފާސްކޮށްފަ އެވެ.

އެމްއައިޓީސީ އުވާލުމުގެ މަސައްކަތް ނިމުމުން އެކަމުގެ ހާއްސަ ރިޕޯޓެއް އެސްއޯއީ ކޮމިޓީއަށް ފޮނުވުމަށް ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ވެސް ފާސްކުރި ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ދެހާސް ސޯޅައިގައި އުފެއްދި އެމްއައިޓީޑީސީ އަށް މިހާތަނަށް އެއްވެސް ފައިދާއެއް ނުނެރެވި 164 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓުން ވެސް ދައްކާފައިވެ އެވެ. އެމްއައިޓީޑީސީން ތިން ޕްރޮޖެކްޓެއް ފެށިއިރު އޭގެ ތެރެއިން އެއްވެސް ޕްރޮޖެކްޓެއް ނިންމާލެފައެއް ނުވެ އެވެ. އެކަމަކު އެ ޕްރޮޖެކްޓުތަކަށް 52.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެމްއައިޓީޑީސީ އުވައިލުމަށް ފަހު، އެ ކުންފުނީގެ މަޝްރޫއުތަކާއި މަސައްކަތްތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) ގެ މެންޑޭޓަށް ގެނެވޭ ބަދަލުގެ ތެރެއިން އެ ކުންފުންޏާ ހަވާލު ކުރުމަށް އޮތީ ނިންމައިފަ އެވެ.