Last Updated: July 12, 22:22
Saturday, July 12, 2025
ޚަބަރު

ސެޕްޓެމްބަރުގެ ނިޔަލަށް ސްޓެލްކޯގެ ސްމާޓް މީޓަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފު ކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާ މެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެން ދާނެ ކަމަށެވެ.

ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފުތާއަކަށް ކަރަންޓު ބޭނުން ކުރެވޭ މިންވަރު ބެލޭނެ އެވެ.

ސްޓެލްކޯ އިން ބިނީ މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ، ކަރަންޓު ބޭނުން ކުރެވޭ މިންވަރު ބަލައި، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުން ކަމަށެވެ. އަދި އެއް ބިލަށް ވުރެ ގިނަ ބިލަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ ކެއާ މެދުވެރިކޮށް، ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުޢާމަލާތު ކުރުމުގެ ފުރުޞަތު ވެސް ސްމާޓް އެޕްލިކޭޝަނުން ލިބޭނެ އެވެ.

ތަރައްޤީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާ އެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒް، އެ ކުންފުނިން ބުންޏެވެ. މި އަމާޒަށް ވާޞިލުވުމުގައި ސަރުކާރާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި، ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން."