Last Updated: July 12, 16:11
Saturday, July 12, 2025
ޚަބަރު

ސްކޭމްތަކާ ގުޅޭ ސެޝަނެއް އިސްރަށްވެހިންނަށް

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ހެންވޭރު ޕޮލިސް ނެއިބަހުޑް ސަޕޯޓާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން މިއެސެޝަން ކުރިއަށް ގެންގޮސްފައި އިއްޔެ އިސްރަށްވެހިންގެ ނާދީގަ އެވެ. އެ ސެޝަނުގައި، ސްކޭމްތަކުގެ ބާވަތްތަކާއި ހާއްސަކޮށް އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކާއި، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން ރައްކާތެރި ކުރުވުމަށް މައުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން، އިސްރަށްވެހިންނަކީ ސްކޭމްކުރާ ފަރާތްތަކުގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށްވާތީ، އެފަދަ އަމަލުތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަން ކިޔައި ދީފައިވެ އެވެ.

އެގޮތުން، ނުދަންނަ ނަންބަރުތަކުން ގުޅިޔަސް އަދި އެފަދަ ނަންބަރަކުން މެސެޖެއް އައިކަމުގައި ވިޔަސް ޖަވާބު ނުދިނުމަށާއި ގޮތް ނޭނގޭ އެއްވެސް ލިންކަކަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓާއި ކޭޝް ކާޑާއި ޕިން ނަމްބަރު ފަދަ މައުލޫމާތު ނުދިނުމަށާއި ފައިސާގެ މުއާމަލާތްތައް ކުރާއިރު ސަމާލުވުމަށް ބުނެ ދީފައިވެ އެވެ.

ސްކޭމްކުރާ ފަރާތްތަކުގެ ޝިކާރައަކަށް މި ފަހުން އިސްރަށްހިން ވެސް އެފަދަ ބައެއް މައްސަލަ ފުލުހުންނަށް ރިޕޯޓް ވެސް ކޮށްފައިވެ އެވެ.