މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން އިންފްލުއެންޒާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ މިދިޔަ މަހުގެ 15 އިން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިންފްލުއެންޒާ ޖެހިގެން ރިޕޯޓުކުރި މިންވަރު އާންމުކޮށްފަ އެވެ. އެގޮތުން މި މުއްދަތުގައި އިންފްލުއެންޒާގެ 239 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ދުވަސްވަރު އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން މާލެ ސަރަހައްދުން އިންފްލުއެންޒާގެ 228 ކޭސް ރިޕޯޓުކޮށްފަ އެވެ.
މީގެއިތުރުން ވޭތުވެދިޔަ ހަފްތާތަކާ އަޅާބަލާއިރު، ނިމުނު ހަފްތާގައި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯޓް ކުރެވުނު މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި މުއްދަތުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ 3،763 ކޭސް ރިޕޯޓުކޮށްފައިވެ އެވެ.
އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި ހުން އައިސް ކެއްސާނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ